يَٰٓأَيُّهَا ٱلْمُزَّمِّلُ﴿١﴾
އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ!
قُمِ ٱلَّيْلَ إِلَّا قَلِيلًا﴿٢﴾
ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށްކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ.
نِّصْفَهُۥٓ أَوِ ٱنقُصْ مِنْهُ قَلِيلًا﴿٣﴾
އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެޔަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ!
أَوْ زِدْ عَلَيْهِ وَرَتِّلِ ٱلْقُرْءَانَ تَرْتِيلًا﴿٤﴾
ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން قرآن ކިޔަވައި ވިދާޅުވާށެވެ!
إِنَّا سَنُلْقِى عَلَيْكَ قَوْلًا ثَقِيلًا﴿٥﴾
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބަރުދަންހުރި ބަހެއް ބާވައިލައްވާހުށީމެވެ.
إِنَّ نَاشِئَةَ ٱلَّيْلِ هِىَ أَشَدُّ وَطْـًٔا وَأَقْوَمُ قِيلًا﴿٦﴾
ހަމަކަށަވަރުން، ނިދުމަށްފަހު، ރޭއަޅުކަންކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ: ނަމާދުގެ ތެރޭގައި ކިޔަވާ ކިޔެވުންތައް) ސީދާކަން ބޮޑެވެ.
إِنَّ لَكَ فِى ٱلنَّهَارِ سَبْحًا طَوِيلًا﴿٧﴾
ހަމަކަށަވަރުން، ކަލޭގެފާނަށް ދުވާލުގެ ވަގުތުގައި ގިނަ މަސައްކަތްތަކެއް ވެއެވެ.
وَٱذْكُرِ ٱسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًا﴿٨﴾
ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކުރައްވާށެވެ! އަދި (އެހެންހުރިހާ ފަރާތަކުން އެއްކިބާވެ، ހަމައެކަނި) އެކަލާނގެ حضرة އަށް إخلاص ތެރިކަމާއެކު ކުއްތަންވެވަޑައިގަންނަވާށެވެ!
رَّبُّ ٱلْمَشْرِقِ وَٱلْمَغْرِبِ لَآ إِلَٰهَ إِلَّا هُوَ فَٱتَّخِذْهُ وَكِيلًا﴿٩﴾
(އެއީ) مشرق އާއި، مغرب ގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ފިޔަވައި އެހެން إله އަކު ނުވެއެވެ. ފަހެ، وكيل އަކު ކަމުގައި ކަލޭގެފާނު އެކަލާނގެ خيار ކުރައްވާށެވެ!
وَٱصْبِرْ عَلَىٰ مَا يَقُولُونَ وَٱهْجُرْهُمْ هَجْرًا جَمِيلًا﴿١٠﴾
އަދި އެއުރެން ބުނާ ބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ރިވެތިވެގެންވާ ވަކިވުމަކުން، ކަލޭގެފާނު އެއުރެންނާ ވަކިވެވަޑައިގަންނަވާށެވެ!
وَذَرْنِى وَٱلْمُكَذِّبِينَ أُو۟لِى ٱلنَّعْمَةِ وَمَهِّلْهُمْ قَلِيلًا﴿١١﴾
އަދި ފައިސާވެރި، ދޮގުކުރާމީހުން، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! އަދި ކަލޭގެފާނު ކުޑަވަގުތުކޮޅަކަށް އެއުރެންނަށް مهلة ދެއްވާށެވެ!
إِنَّ لَدَيْنَآ أَنكَالًا وَجَحِيمًا﴿١٢﴾
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ގައި ކަސްތަޅުތަކާއި ނަރަކަވެއެވެ.
وَطَعَامًا ذَا غُصَّةٍ وَعَذَابًا أَلِيمًا﴿١٣﴾
އަދި ކަރުގައި އަޅައިގަންނަ ކާނާއާއި، ވޭންދެނިވި عذاب ވެސްމެއެވެ.
يَوْمَ تَرْجُفُ ٱلْأَرْضُ وَٱلْجِبَالُ وَكَانَتِ ٱلْجِبَالُ كَثِيبًا مَّهِيلًا﴿١٤﴾
އެދުވަހުން ބިމާއި، ފަރުބަދަތައް ހެލިގެންދާނެތެވެ. އަދި ފައިބައިގެންދާ ވެލިފުންޏަކަށް އެ ފަރުބަދަތައް ވާހުށްޓެވެ.
إِنَّآ أَرْسَلْنَآ إِلَيْكُمْ رَسُولًا شَٰهِدًا عَلَيْكُمْ كَمَآ أَرْسَلْنَآ إِلَىٰ فِرْعَوْنَ رَسُولًا﴿١٥﴾
ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ހެކިވެވަޑައިގަންނަވާ ބޭކަލެއްކަމުގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ގާތަށް رسول އަކު ފޮނުއްވީމެވެ. فرعون ގެގާތަށް ތިމަންރަސްކަލާނގެ رسول އަކު ފޮނުއްވި ފަދައިންނެވެ.
فَعَصَىٰ فِرْعَوْنُ ٱلرَّسُولَ فَأَخَذْنَٰهُ أَخْذًا وَبِيلًا﴿١٦﴾
ފަހެ، فرعون، رسول އާއަށް އުރެދުނެވެ. ދެން ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ عذاب ގެ ހިއްޕެވުމަކުން ހިއްޕަވައި، އެ فرعون ހަލާކުކުރެއްވީމެވެ.
فَكَيْفَ تَتَّقُونَ إِن كَفَرْتُمْ يَوْمًا يَجْعَلُ ٱلْوِلْدَٰنَ شِيبًا﴿١٧﴾
ފަހެ، ތިޔަބައިމީހުން كافر ވެއްޖެނަމަ (އެދުވަހުގެ ބިރުވެރިކަމުން) ކުޑަކުދިން މުސްކުޅިންނަށް ހަދައިލާ ދުވަހުން (އެބަހީ: އެދުވަހުގެ عذاب ން) ތިޔަބައިމީހުން ރައްކާތެރިވާނީ ކޮންފަދައަކުން ހެއްޔެވެ؟
ٱلسَّمَآءُ مُنفَطِرٌۢ بِهِۦ كَانَ وَعْدُهُۥ مَفْعُولًا﴿١٨﴾
އެދުވަހުން އުޑު އިރައިރައިގެން ދާނެތެވެ. އެކަލާނގެ وعد ފުޅު ފުރިހަމަވާނެކަން يقين އެވެ.
إِنَّ هَٰذِهِۦ تَذْكِرَةٌ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا﴿١٩﴾
ހަމަކަށަވަރުން، މިއީ ހަނދާންކޮށްދިނުމެކެވެ. ފަހެ، (ހަނދާންކުރުމަށް) އެދޭމީހާ، އެމީހާގެ ވެރިރަސްކަލާނގެ حضرة އަށް މަގެއް ހިފާހުށިކަމެވެ!
- صفحة ٥٧٥
إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَىِ ٱلَّيْلِ وَنِصْفَهُۥ وَثُلُثَهُۥ وَطَآئِفَةٌ مِّنَ ٱلَّذِينَ مَعَكَ وَٱللَّهُ يُقَدِّرُ ٱلَّيْلَ وَٱلنَّهَارَ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ فَٱقْرَءُوا۟ مَا تَيَسَّرَ مِنَ ٱلْقُرْءَانِ عَلِمَ أَن سَيَكُونُ مِنكُم مَّرْضَىٰ وَءَاخَرُونَ يَضْرِبُونَ فِى ٱلْأَرْضِ يَبْتَغُونَ مِن فَضْلِ ٱللَّهِ وَءَاخَرُونَ يُقَٰتِلُونَ فِى سَبِيلِ ٱللَّهِ فَٱقْرَءُوا۟ مَا تَيَسَّرَ مِنْهُ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَقْرِضُوا۟ ٱللَّهَ قَرْضًا حَسَنًا وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ ٱللَّهِ هُوَ خَيْرًا وَأَعْظَمَ أَجْرًا وَٱسْتَغْفِرُوا۟ ٱللَّهَ إِنَّ ٱللَّهَ غَفُورٌ رَّحِيمٌۢ﴿٢٠﴾
ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންކުރެ ބަޔަކު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ތިއްބަވާކަން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ރޭގަނޑާއި، ދުވާލުގެ ވަގުތުތައް މިންވަރު ކުރައްވަނީ اللَّه އެވެ. މުޅި ރޭގަނޑު، ރޭއަޅުކަމުގައި قائم ވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އެކަން عفو ކުރައްވައި ލުއިކުރައްވައިފިއެވެ. ފަހެ، قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ބަލިމީހުން ވާނޭކަމާއި، އަދި އަނެއްބަޔަކު اللَّه ގެ فضل ވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި، އަދި އަނެއްބަޔަކު اللَّه ގެ މަގުގައި ހަނގުރާމަ ކުރާކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެ قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! އަދި ރިވެތިވެގެންވާ ދަރަނިދިނުމަކުން ތިޔަބައިމީހުން اللَّه އަށް ދަރަނިދޭށެވެ! (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާށެވެ!) އަދި ހެޔޮކަމުގެ ތެރެއިން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި އިސްކުރާ ކޮންމެ ކަމެއްގެ ثواب، اللَّه ގެ حضرة ގައި ހެޔޮކަން ބޮޑުވެގެންވާތީއާއި، އަދި ދަރުމަ ބޮޑުވެގެންވާތީ ތިޔަބައިމީހުންނަށް ފެންނާނެތެވެ. އަދި ތިޔަބައިމީހުން اللَّه ގެ حضرة ން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.